ޓެކާސް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް

ޓެކާސް މައިލޯ ޗެމްޕިއަންޝިޕްގެ ގއ. އަތޮޅު މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު ދެމެޗް މިއަދު ކުޅެވިގެން ދިޔައެވެ. މިގޮތުން ފުރަތަމަ މެޗްގައި ގއ. ނިލަންދޫ ޓީމާއި ކޮނޑޭ ޓީމް ބައްދަލުކުރި މެޗް ނިމިގެން ދިޔައީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ފޯރި ގަދަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެންދިޔަ މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކޮނޑޭ ޓީމުގެ މުހައްމަދު އިންޝާއެވެ.

ދެވަނަ މެޗްގައި ވިލިނގިލި ޓީމާއި ބައްދަލުކުރީ މާމެންދޫގެ ފުޓްސަލް ޓީމެވެ. މިމެޗް 4-1 ލަނޑުން ކާމިޔާބުކުރީ މާމެންދޫ ފުޓްސަލް ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާމެންދޫ ޓީމުގެ ރައުހާން ރިއްފަތެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތައް ކުޅެ ނިމުނުއިރު ތާވަލްގެ އެންމެ ކުރީގައި އޮވެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ކޮނޑޭ ޓީމެވެ. 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުމުވާއެކު އެޓީމަށް ޖުމްލަ 7 ޕޮއިންޓް ލިބިފައިވެއެވެ. ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި 2 މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ފައިނަލަށް ދަތުރުކުރީ މާމެންދޫ ޓީމެވެ. ނިލަންދޫ ޓީމަށް ޖުމްލަ ލިބުނީ 4 ޕޮއިންޓެވެ. ވިލިނގިލީ ޓީމަށް އެއްވެސް މެޗަކުން މޮޅެއް ލިބިފައި ނުވުމުން އެޓީމް މުބާރާތް ނިންމާލީ 0 ޕޮއިންޓާއެކުއެވެ.

މާދަމާ މުބާރާތުގެ ފައިނަލް މެޗް ކުޅެން ވަނީ ހަމަޖެހިފައެވެ. ހަވީރު 16:30 ގައި ބައްދަލުކުރާނީ ކޮނޑޭ އަދި މާމެންދޫ ފުޓްސަލް ޓީމެވެ.

Leave a Reply