
ޒުވާނުންގެ ޓީމުން ފަހުވަގުތު އެއްވަރުކޮށްފި
07 ޖެނުއަރީ 2022 ވަނަ ދުވަހުގެ ހަވީރު ވިލިނގިލީގައި ކުޅެވުނު އެކުވެރިކަމުގެ މެޗުން، ޒުވާނުންގެ ތެރެއިން އެކުލަވާލި ޓީމުން ފަހުވަގުތު ކުރީގެ ކުޅުންތެރިންގެ ޓީމާއި އެއްވަރުކޮށްފިއެވެ. މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.
ވިލިނގިލީގައި ފުޓްބޯޅަ ނުކުޅޭތާ އަހަރުތަކެއް ފަހުން މިއަދު މިކުޅެވުނު މެޗުގައި ފޯރިގަދަ ރީތި ކުޅުމެއް ފެނިގެން ދިޔައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ކުރީގެ ކުޅުންތެރިންގެ ޓީމުގެ މުހައްމަދު އަފްރާހަށް ލިބިގެން ދިޔައެވެ. ޒުވާނުންގެ ޓީމުން ކުރި ފައުލަކާއި ގުޅިގެން، ޕެނެލްޓީ އޭރިއާ ބޭރުން ލިބުނު ޖެހުން ގޯލުގެ މަތީ ދަނޑީގައި ޖެހިފައި ނުކުތީ ބޭރަށެވެ.
ޒުވާނުންގެ ޓީމަށްވެސް ފުރަތަމަ ހާފްގައި ރަނގަޅު ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން އެޓީމުގެ މުހައްމަދު މުސައްވިރަށް ލިބުނު ހުސް ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ ގޯލުގެ އިރުމަތީ ފަރާތުން ބޭރަށެވެ. ފުރަތަމަ ހާފްގެ ކުޅުން ނިމިގެން ދިޔައީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ދެވަނަ ހާފްގައި ކުރީގެ ކުޅުންތެރިންގެ ޓީމަށް ގިނަ ހުސް ފުރުސަތުތަކެއް ލިބިގެން ދިޔައެވެ. މީގެ ތެރެއިން ލިބުނު ފުރުސަތެއްގައި އެޓީމަށް މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ މުހައްމަދު އަފްރާހެވެ.
މެޗް ނިމެން އެންމެ މިނެޓަކަށް ވެފައި އޮތްވައި، ޒުވާނުންގެ ޓީމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހުވަގުތު ކުޅެން އެރުވި އަހުމަދު ސަމޫދު ވަނީ ލަނޑެއްޖަހާ އެއްވަރު ކޮށްފައެވެ.
މިމެޗަކީ އަނެއްކާވެސް ވިލިނގިލީގައި ފުޓްބޯޅައިގެ ފޯރި ގަދަވެގެން ދިއުމުގެ ފެށުމެއް ކަމުގައި ކުޅުންތެރިން ދެކެއެވެ. މިގޮތުން އެކި ފަރާތްތަކުގެ އިހްސާސްތައް ތިރީގައިވާ ވީޑިއޯ ކްލިފްގައި ހިމަނާފައިވާނެއެވެ.