ފުޓްސަލް ޗެލެންޖްގެ ހަވަނަ ދުވަހުގެ މެޗްތައް

ފުޓްސަލް ޗެލެންޖްގެ ގްރޫޕްސްޓޭޖްގެ އެންމެ ފަހު ދުވަހުގެ ދެމެޗްގެ ތެރެއިން ފުރަތަމަ މެޗްގައި ހަވީރު 04:00 ގައި ބައްދަލުކުރީ އެފް ސީ މެޑޫސާއާއި ބީޗް ބޯއިސްއެވެ. މިމެޗް 5-0 ލަނޑުން ކާމިޔާބުކުރީ އެފް ސީ މެޑޫސާއެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފްސީ މެޑޫސާގެ ޖާޒީ ނަންބަރު 7، މުހައްމަދު ރިފާއުއެވެ.

އެފްސީ މެޑޫސާ މިމެޗުން މޮޅުވުމާއެކު އެޓީމު މިވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓަރ ފައިނަލުގައި އެޓީމު ބައްދަލުކުރާނީ ވިލިނގިލީ މަސްވެރިންގެ ކްލަބާއެވެ. މިމެޗް އޮންނާނީ 23 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހަވީރު 04:00 ގައެވެ. ބީޗް ބޯއިސް މިމެޗުން ބަލިވުމުން މިވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.

މިއަދުގެ ދެވަނަ މެޗްގައި ބައްދަލުކުރީ ވިލި ޕޮލިސް ކްލަބާއި ޖަންގަލް ސްޕޯޓްސް ކްލަބެވެ. މިމެޗް 6-2 ލަނޑުން ކާމިޔާބުކުރީ ވިލި ޕޮލިސް ކްލަބެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލި ޕޮލިސް ކްލަބުގެ ޖާޒީ ނަންބަރ 5، އިބްރާހިމް އަހުމަދެވެ.

މިމެޗުން ވިލި ޕޮލިސް ކްލަބް މޮޅުވުމާއެކު މިމުބާރާތުގެ ކުއާޓަރ ފައިނަލުގައި އެޓީމް ކުޅެންޖެހޭނީ މިފްކޯއާއެކު 23 ފެބްރުއަރީ 2022 ވަނަ ދުވަހުގެ ހަވީރު 05:00 ގައެވެ. ޖަންގަލް ސްޕޯޓްސް ކްލަބްގެ ބައްޔާއެކު އެޓީމު މިވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.

މާދަމާ މުބާރާތުގެ ކުއާޓާރ ފައިނަލުގެ 2 މެޗް ކުޅެވޭނެއެވެ. ފުރަތަމަ މެޗްގައި ވިލިނގިލީ މަސްވެރިންގެ ކްލަބާއި ބައްދަލުކުރާނީ އެފްސީ މެޑޫސާއެވެ. ދެވަނަ މެޗްގައި ވިލި ޕޮލިސް ކްލަބާއި ބައްދަލުކުރާނީ މިފްކޯއެވެ.

Leave a Reply