ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމަށް ބަޔަކާއި ހަވާލުކޮށްފި

ގއ. ވިލިނގިލީ ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތް ކުރުމަށް ކޯރލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ވިލިނގިލީ ކައުންސިލުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލް މުހައްމަދެވެ. ކޯރލައިންގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އައިހް މުހައްމަދެވެ.

75 ދުވަހުގެ ތެރޭ ނިންމަން އެއްބަސްވެވުނު މިމަސައްކަތުގެ މުއްދަތު ގުނަންފަށާނީ 20 ޖެނުއަރީ 2022 ވަނަ ދުވަހުން ފެށިގެންނެވެ. ދުވަސް ގުނުމުގައި ބަންދު ދުވަސްތައް ނުހިމެނޭނެއެވެ.

ވިލިނގިލީގައި ފުޓްބޯޅަ ދަނޑު ޓާފް ދަނޑަކަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅުގައި، ލައިޓް ޖެހުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ، ދަނޑުގެ މަސައްކަތް ނުނިމިގެން ފުޓްބޯޅަ ނުކުޅެވިތިބި ޒުވާނުންނަށް ވަރަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.

ވިލިނގިލީގެ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދަނޑު ބަންދުކޮށްފައި އޮންނަތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ޖެނުއަރީމަހުގެ ކުރީކޮޅު މަސައްކަތަށް ދަތިނުވާނޭހެން ފުޓްބޯޅަ ކުޅުމުގެ ވަގުތީ ހުއްދައެއް ކުޅުންތެރިންގެ އެދުމުގެ މަތިން ވިލިނގިލީ ކައުންސިލުން ވަނީ ދީފައެވެ.

Leave a Reply