
ވިލިނގިލީ ފުޓްސަލް ދަނޑު ބޮޑުކުރުމަށް ނިންމައިފި
ގއ. ވިލިނގިލީގައި މިހާރު އޮތް ފުޓްސަލް ދަނޑު ބޮޑުކޮށް އެންމެ ޒަމާނީ ފެންވަރުގެ ދަނޑެއް އަޅައިދިނުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން އެހީތެރިވެދޭން ނިންމައިފިއެވެ.
މިގޮތުން މިހާރު ފުޓްސަލް ދަނޑު ހުރި ސަރަހައްދަށް ޖުމްލަ 80 މީޓަރު އިތުރުކޮށް ޕިޗްގެ ސައިޒް 18×42 މީޓަރަށް ބޮޑުކުރުމަށް ވިލިނގިލީ ކައުންސިލުން ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން މިހާރު ހުރި ލައިޓް ޕޯސްޓް ތަކުގެ އިތުރަށް، އިތުރު 2 ލައިޓް ޕޯސްޓްވެސް މިދަނޑުގެ މަސައްކަތް ނިމޭއިރު ހަރުކުރެވިފައި ހުންނާނެއެވެ.
މިމަސައްކަތަށް ބޭނުންވާ ހުރިހާ ތަކެތި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މަސައްކަތް ކުރުމަށް ހޭދަވާ ފައިސާ ހަރަދު ކުރާނީ ވިލިނގިލީ ކައުންސިލުން ކަމަށް އެކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވަނީ ކުޅިވަރެ.ކޮމް އަށް މައުލޫމާތު ދެއްވާފައެވެ. އަދި ލަސްތަކެއް ނުވެ މިކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ދެންނެވިއެވެ.
ވިލިނގިލީގައި މިހާރުހުރި ފުޓްސަލް ދަނޑުގައި މީގެ އެއް އަހަރު ކުރިން (04 ޖެނުއަރީ 2021) ބަޔަކު ރޯކޮށްލުމުގެ ސަބަބުން، އެދަނޑުގައި އޭރު އަޅާފައިވާ މެޓް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވިއެވެ. އޭރުގެ ކައުންސިލުން ނިންމީ މެޓް އެޅުމުގެ ބަދަލުގައި ޓާޕް އެޅުމަށެވެ. އެކަމަށް އެދަނޑުގެ ކޮންކްރީޓް ސަބް ބޭސް ތަޅާލެވި، ޓާފް އެޅުމަށް ދަނޑު ތައްޔާރުކުރެވުނެވެ. އެހެން ނަމަވެސް މިހާތަނަށް އެދަނޑުގައި ޓާފް އަޅާފައެއް ނުވެއެވެ.
ވިލިނގިލީގައި މިހާރު ހުރި ފުޓްސަލް ދަނޑު ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކައުންސިލުން ނިންމުމަކީ، އެއް އަހަރު ދުވަސް ވަންދެން ފުޓްސަލް ނުކުޅެވި ތިބި ފުޓްސަލް ކުޅޭ ކުޅުންތެރިންނަށް ލިބުނު ވަރަށް އުފާވެރި ޚަބަރެއް ކަމުގައި ވާނެއެވެ.
Comments (1)
ހަމްދޫން
ފީފާ ފުޓްސަލް ސްޓޭންޑަރޑްގެ އެންމެ ބޮޑު ސައިޒްގެ ދަޑެއް( 42M X 25M ) ވިލިނގިލީގައި އަޅައިދިނުން ވަރަށް ބޮޑައް އެދެން.