ބާސްކެޓްބޯލް ޗެލެންޖްގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް

ކުޅިވަރެ.ކޮމް ބާސްކެޓްބޯލް ޗެލެންޖްގެ މިރޭގެ ފުރަތަމަ މެޗްގައި 21:30 ގައި ބައްދަލުކުރީ މޭރީ ސްޕޯޓްސް ކްލަބްގެ ޓީމާއި ޑިރެވިއުސްގެ ޓީމެވެ. މިމެޗް 9-6 ޕޮއިންޓުން ކާމިޔާބުކުރީ މޭރީ ސްޕޯޓްސް ކްލަބްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެޓީމުގެ މުހައްމަދު އައުޒަމެވެ.

ދެވަނަ މެޗްގައި 22:00 ގައި ބައްދަލުކުރީ މެޑޫސާ އަދި އާރ އެސް ބިޒްނަސްގެ ޓީމެވެ. މިމެޗް 15-04 ޕޮއިންޓުން ކާމިޔާބުކުރީ މެޑޫސާގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޑޫސާގެ ޒިދުނީ އަހުމަދެވެ.

ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްގައި 22:30 ގައި ބައްދަލުކުރީ މާލާ ރެސްޓްގެ ޓީމާއި މޭރީ ސްޕޯޓްސް ކްލަބެވެ. މިމެޗް 15-13 ޕޮއިންޓުން ކާމިޔާބުކުރީ މޭރީ ސްޕޯޓްސް ކްލަބްގެ ޓީމެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލާ ރެސްޓްގެ ސުލްތާން ސުލައިމާނެވެ.

ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމުނު އިރު ގްރޫޕް އޭގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ ޑެއިލީ ޑޯޒްގެ ޓީމެވެ. އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ މެޑޫސާއެވެ. ގްރޫޕް އޭގެ އާރ އެސް ބިޒްނަސް މިވަނީ އެއްވެސް މެޗަކުން މޮޅުނުވެ މިމުބާރާތާއި ވަކިވާން ޖެހިފައެވެ.

ގްރޫޕް ބީގެ އެއްވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ހޮވިފައިވަނީ މޭރީ ސްޕޯޓްސް ކްލަބެވެ. އެ ގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީ ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކޮށްފައިވަނީ މާލާ ރެސްޓްއެވެ. ގްރޫޕް ބީގެ ޑިރެވިއުސް މިވަނީ އެއްވެސް މެޗަކުން މޮޅުނުވެ މިމުބާރާތާއި ވަކިވާން ޖެހިފައެވެ.

ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި 14 އޭޕްރީލް ވަނަ ދުވަހުގެ ރޭ 21:30 ގައި ބައްދަލުކުރާނީ ޑެއިލީ ޑޯޒް އަދި މާލާ ރެސްޓްގެ ޓީމެވެ. ދެވަނަ މެޗްގައި 22:00 ގައި ބައްދަލުކުރާނީ މޭރީ ސްޕޯޓްސް ކްލަބް އަދި މެޑޫސާއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 15 އޭޕްރީލް ވަނަ ދުވަހުގެ ރޭ 21:30 ގައެވެ. މިމުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅިވަރެ.ކޮމް ގެ ފޭސްބުކް ޕޭޖް އިން ލައިވްކުރާނެއެވެ.

Leave a Reply